މިދިޔަ ވެރިކަމުގައި ދައުލަތުގެ ކުންފުނިތަކުން 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އިގްތިސާދު ހަމައަކަށް ނޭޅިގެން އުޅެނީ އެހެންވެގެން ކަމަށެވެ.
ސަލީމް ވިދާޅުވީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހެދި ދިރާސާތަކުން ފާހަގަވެފައިވަނީ ސަރުކާރުގެ ކޮންމެ ކުންފުންޏެއް މިދިޔަ ސަރުކާރުގައި އޮތީ ތިން ބިލިއަން ނުވަތަ ހަ ބިލިއަނުން ދަރާފައި ކަމަށެވެ.
”މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މިދެންނެވީ ބާޒާރުގައި ހުންނަ އަގަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން،“ސަލީމް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދު ހަމައަކަށް ނޭޅިގެން އުޅެނީ މިދިޔަ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނީގެ ބޮޑުކަމުންނާއި ރަށްތަކާއި ފަޅުތައް ވިއްކާފައި އޮތް ވަރުން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
އަދި ފައިސާ ހޯދުމަށް އެތައް ގޮތްތަކެއް އޮތްކަމަށާއި، އޭގެ ތެރޭގައި ފައިސާ ޗާޕުކުރުމާއި، ބޭރުން ލޯނު ނެގުމާއި، ރަށްތައް ނުއަގުގައި ވިއްކާލުން ހިމެނޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ، ނުއަގުގައި ވިއްކާލައިގެން ދައުލަތަށް ފައިސާ ހޯދަން ބޭނުންވާނަމަ، ވިއްކާލެވިދާނެ ބައިވަރު ފަޅު ރަށްތަކާއި ފަޅުތައް ރާއްޖޭގައި އެބަހުރި ކަމަށާއި، އެތަންތަން ގަންނާނެ މީހުންވެސް ގިނަކަމަށެވެ.
އަދި އެގޮތަށް ކަންތައް ކުރުމުން ރައީސް މުއިއްޒަށްވެސް ހަމަޖެހިލައިގެން އިންނެވޭނެ ކަމަށާއި، ޑޮލަރުގެ ދަތިކަމެއް އަދި ދައުލަތަށް ބޭނުންވާ ފައިސާގެ ދަތިކަމެއްވެސް ކުރިމަތިނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.


