އައްޑޫ ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި، މި މަސައްކަތް މިހާތަނަށް ލަސްވެފައިވަނީ މަރާމާތަށް ބޭނުންވާ ތާރު ނުލިބުމުގެ ސަބަބުންނެވެ.
މަގު މަރާމާތުކުރުމަށް ބޭނުންވާ 10 ޓަނުގެ ތާރު ހޯދުމަށް ކައުންސިލުން އެޕްރީލް މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
އަދި މިހާރު ތާރު ލިބިފައިވާތީ، އަންނަ ހަފުތާގެ ތެރޭގައި މަރާމާތުގެ މަސައްކަތް ފެށޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ލިންކް ރޯޑް އެހާ ބޮޑަށް ހަލާކުވެފައިވަނީ ތާރު އަޅާފައި އޮތްލެއް ތުނިވުމާއި މަގުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ.
އަދި މިހާތަނަށް ވެސް ކައުންސިލުން އެތައް ފަހަރެއްގެ މަތިން ލިންކް ރޯޑް މަރާމާތުކޮށްފައިވާ ކަމަށާއި، އެ މަސައްކަތްތައް ކުރަމުން އައީ ވަސީލަތްތަކުގެ ބޮޑެތި ދަތިތަކާ ކުރިމަތިލަމުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިހާރު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭނެއެވެ.
މީގެ އިތުރުން، އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އެޅުމަށް ވަނީ ރޭވިފައެވެ.



