އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި ރޭ ބޮކާ ޖޫނިއަރސް އާއި ބެންފީކާ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ބޮކާ ޖޫނިއަރސް އިން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 21 ވަނަ މިނެޓުގައި އުރުގުއޭ ފޯވާޑް މިގުއެލް މެރެންޓިއެލްއެވެ.
އަދި އޭގެ ހަ މިނެޓް ފަހުން އެޓީމުގެ މިޑްފީލްޑަރު ރޮޑްރިގޯ ބަޓަގްލިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ބެންފީކާ އިން ނަތީޖާގެ ފަރަގު ކުޑަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާ ފޯވާޑް ޑި މާރިޔާ ޖެހި ލަނޑުންނެވެ.
މިލަނޑާއެކު ފުރަތަމަ ހާފު ނިމުނުއިރު ބޮކާ ޖޫނިއަރސް އޮތީ 2-1 އިން ކުރީގައެވެ.
ދެވަނަ ހާފުގައި ބެންފީކާގެ އިޓަލީ ފޯވާޑް އަންޑްރޭ ބެލޮއްޓީ އަށް 72 ވަނަ މިނެޓުގައި ރަތްކާޑު ދެއްކުމާއެކު، އެޓީމުން މެޗުގެ ބާކީބައި ކުޅެންޖެހުނީ 10 ކުޅުންތެރިންނާ އެކުގައެވެ. ނަމަވެސް 84 ވަނަ މިނެޓުގައި ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ޖެހި ލަނޑުން ބެންފީކާ އިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ބޮކާ ޖޫނިއަރސްގެ ޑިފެންޑަރު ޖޯޖް ފިގަލް އަށް ވެސް ރަތްކާޑު ދެއްކުމާއެކު، ދެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ.
މި މުބާރާތުގައި 32 ޓީމު ހަތަރު ޓީމުގެ އަށް ގުރޫޕަކަށް ބަހާލައިގެން ވާދަކުރަމުންދާއިރު، ކޮންމެ ގުރޫޕަކުން އެންމެ މޮޅު ދެޓީމަށް ރައުންޑް އޮފް 16 އިން ޖާގަ ލިބިގެންދާނެއެވެ.




