އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، މީހަކު ނުވަތަ ބަޔަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފިއެވެ.
މި މައްސަލައިގެ ތަހުގީގު ރިޕޯޓް ނިންމައި، އިންކުއަރީ ކޮމިޝަނުން މިއަދު ވަނީ ރައީސް މުޢިއްޒަށް އަރުވާފައެވެ. ރައީސް މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް މި ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ.
ހާދިސާ ހިނގި ވަގުތު އެ ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު ހުރިކަން އެނގެން ނެތް ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި ހާދިސާގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ އަމަލީ ބައިވެރިވުމެއް އޮތް ކަމަކަށް ކޮމިޝަނަށް ނުފެންނަ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ޔުމްނުގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތައް ފިޔަވައި އިތުރު އަނިޔާއެއް ލިބިފައިނުވާކަން މެޑިކަލް ރިކޯޑްތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެހެންވެ، ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ނަމަވެސް، ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރު ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ރިޕޯޓްގައި ބުނީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންވެ ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށެވެ.
ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުން ކަމަށާއި އެ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށްވެސް ނުބެލެވެއެވެ.
ނަމަވެސް ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނުން ކަނޑައެޅިއިރު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އުފުލައިފަ އެވެ.
ރައުދު މިހާރު ހުރީ ބަންދުން ވެސް ދޫކޮށްލައިފަ އެވެ.
ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.



