އީރާނާއި އިސްރާއީލްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2,000 އަށްވުރެ ގިނަ އިސްރާއީލީ ރައްޔިތުން މަގުމަތިވެއްޖެއެވެ.
”ދަ ޓައިމްސް އޮފް އިސްރާއީލް“ އިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން އިސްރާއީލުގެ މެދު ސަރަހައްދުތަކާއި ވިޔަފާރި މައި ސިޓީ ހައިފާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މި ރައްޔިތުންނަށް ވަނީ ގެތައް ދޫކޮށް ދާން މަޖުބޫރުވެފައެވެ.
އެ ނޫހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޕެޓާ ޓިކްވާއަށް އީރާނުން ދިން ހަމަލާއާ ގުޅިގެން އެކަނި 1,300 އަށްވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގައި ދިރިއުޅެމުންދިޔަ 300 އެއްހާ މީހުން ވެސް ވަނީ ހަމަލާތަކާ ގުޅިގެން އެމީހުންގެ ގެތައް ދޫކޮށް ދާން މަޖުބޫރުވެފައެވެ.
ބެނެއި ބްރަކް ސަރަހައްދަށް އަމާޒުކޮށް ދެވުނު ހަމަލާތަކާ ގުޅިގެން ވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އަދި ހައިފާ ސިޓީއަށް ދެވުނު ހަމަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން 60 މީހުން ވަނީ އެމީހުންގެ ގެތަކުން ނުކުންނަން މަޖުބޫރުވެފައެވެ.
ޓައިމްސް އޮފް އިސްރާއީލް އިން ބުނި ގޮތުގައި މި ހުރިހާ ރައްޔިތުންނަށް ވެސް މިވަގުތު ތިބީ ވަންނާނެ ތަނެއް ނެތި މަގުމަތިވެފައި ތިބި ހާލުގައެވެ.
އިސްރާއީލާއި އީރާނާ ކުރަމުންދާ މި ހަނގުރާމައިގެ ހާލަތު އުފެދުނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.



