ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ އަލް ތަހްލިއާ ރައުންޑަބައުޓްގައި އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ 45 މީހަކު އިސްރާއީލު ސިފައިން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ވަރަށް ބޮޑަށް ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި ހިންގާ، އެމެރިކާއާއި އިސްރާއީލުގެ ތާއީދު އޮންނަ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން އެހީދޭ ތަންތަނުގައެވެ.
މި އަނިޔާވެރި ހަމަލާއާ ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޯލްކަރ ޓާކް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިސްރާއީލުގެ ހަނގުރާމައިގެ ވަސީލަތްތަކާއި އުސޫލުތަކުގެ ސަބަބުން ޣައްޒާގައި ތިބި ފަލަސްތީނުގެ މީހުންނަށް ބިރުވެރި، ވިސްނާލަންވެސް ނުކެރޭފަދަ ތަކުލީފުތަކެއް ލިބެމުންދާ ކަމަށް ވޯލްކަރ ވިދާޅުވިއެވެ.
ބަނޑުހައިހޫނުކަމުގެ ތެރޭގައި ޣައްޒާގެ ކާބޯތަކެތި ބަހާ މަދު ތަންތަނަށް ފަލަސްތީނުގެ ރައްޔިތުން އަންނަނީ ދަތުރުކުރަމުންނެވެ. އެހެންނަމަވެސް އެހީ ހޯދުމަށް އެއްވެ ތިބޭ މީހުންނަށް އިސްރާއީލު ސިފައިން އަމާޒުކޮށް ހަމަލާދޭކަން ފާހަގަކުރެވެއެވެ.
މިގޮތުން ހޮނިހިރު ދުވަހު ވެސް އިސްރާއީލުންވަނީ އެހީ ހޯދުމަށް ގޮސްތިބި ފަލަސްތީނުގެ 79 މީހަކު ޝަހީދުކޮށްލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުއާންމުގައި މިހާތަނަށް 55,362 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
މި އަނިޔާވެރި ޢަމަލުތައް ބައިނަލްއަޤްވާމީ އެކި އިދާރާތަކުން ދަނީ ކުށްވެރިކުރަމުންނެވެ.
ނަމަވެސް ކުށްވެރިކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް، އެއްވެސް ޤައުމަކުންވެސް ޖަމިއްޔާއަކުންވެސް މިހާތަނަށް އަޅާފައެއް ނުވެއެވެ.



