ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ)ގެ ފަރާތުން ފޯރިގަދަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެއް ބާއްވައިފި އެވެ.
މި އިވެންޓުގައި ފިލިޕީންސް ކޮމިއުނިޓީގެ 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، ސަގާފީ ހަރަކާތްތަކާއި ލަކީޑްރޯ އަދި އީސްޕޯޓްސް ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި ހަރަކާތުގައި ކޮމިއުނިޓީ ޑްރިވެން އީސްޕޯޓްސް މުބާރާތުގައި 70 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނޭ 12 ޓީމު ވާދަކޮށްފައިވެ އެވެ.
މާލޭގެ އޯޓީޕީ ރެސްޓޯރަންޓުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، 7،500 ރުފިޔާގެ ފައިސާގެ އިނާމް ކާމިޔާބުކޮށްފައިވަނީ ”ތާސްޑޭ ކްލަބް“ އިންނެވެ.

ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 5ޖީ އެއާފައިބާއެއް ވެސް ދީފައިވެ އެވެ. މުބާރާތުގެ ރަނަރަޕް ޓީމް ކަމުގައިވާ ވޮރިއާސް ޕީއެޗް އަށް 4،500 ރުފިޔާގެ އިނާމް ލިބުނު އިރު، ތިން ވަނަ އަށް ދިޔަ މަލިގްނޯ ޓީމަށް 3،000 ރުފިޔާގެ އިނާމް ލިބިފައިވެ އެވެ.
އުރީދޫ ނޭޝަންގެ މި ހާއްސަ އެޑިޝަނަކީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި ހުނަރުވެރިކަމާއި ސަގާފީ ފަޚުރު ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށް އުރީދޫން ބުނެފައިވެ އެވެ.



