އެތުލެޓިކް ކުލަބަށް ކުޅެމުން އަންނަ ސްޕެއިންގެ ވިންގާ ނިކޯ ވިލިއަމްސް ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަމަށް ބުނެފިއެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބާސެލޯނާއިން ވެސް ވަނީ ނިކޯ ވިލިއަމްސް އެ ޓީމަށް ގެންދިއުމަށް ނިންމާފައެވެ. އަންނަ ސީޒަނަށް ބާސެލޯނާގެ ވިންގް ޕޮޒިޝަން ވަރުގަދަކުރުމަށް އެ ކުލަބުން ދަނީ މަސައްކަތްކުރަމުންނެވެ.
މި ގޮތުން އެ ކުލަބުގެ ޓާގެޓް ލިސްޓުގައި ލިވަޕޫލްގެ ކޮލޮމްބިއާ ކުޅުންތެރިޔާ ލުއިސް ޑިއާޒް އާއި ނިކޯ ވިލިއަމްސް ހިމެނެއެވެ.
އެހެންނަމަވެސް މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި ބާސެލޯނާއިން މިވަގުތު އިސްކަންދެނީ ނިކޯ ވިލިއަމްސް ގަތުމަށެވެ. މީގެ މައިގަނޑު ސަބަބަކީ ލުއިސް ޑިއާޒް ގަތުމަށް ހިނގާނެ ޚަރަދު ބޮޑުވުމެވެ.
ލުއިސް ޑިއާޒް ގަތުމަށް 80 މިލިއަން ޑޮލަރު ޚަރަދުކުރަން ޖެހޭއިރު، ނިކޯ ވިލިއަމްސް ގަތުމަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އުމުރުން 22 އަހަރުގެ ނިކޯ ހޯދުމަށް ގިނަ ކުލަބުތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވީނަމަވެސް، އޭނާގެ އަމާޒަކަށް ވެފައިވަނީ ބާސެލޯނާއަށް ބަދަލުވުމެވެ.
ނިކޯ ވިލިއަމްސް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުލަބުތަކުގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ރަނަރަޕް އާސެނަލް ހިމެނެއެވެ.
މި ކުލަބުތަކާއެކު ނިކޯ ވިލިއަމްސްގެ އެޖެންޓް ބޭއްވި ބައްދަލުވުންތަކުން އެނގިފައިވަނީ އޭނާ ބާސެލޯނާއަށް ބަދަލު ނުވެއްޖެނަމަ އެހެން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމެވެ.



