މެކް ފައުންޑޭޝަނާ ގުޅިގެން ދިވެހި ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި ފުރުސަތު ލިބިފައިވާ ކަމުގެ މައުލޫމާތު ހާމަކުރެއްވީ ދުބާއީގައި ބޭއްވި މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެކް ފައުންޑޭޝަނުގެ ”މޯ ދެން އަ މަދާ“ ކެމްޕެއިނުގެ އެމްބެސެޑަރަކަށް ހަމަޖެއްސެވުމާ ގުޅިގެން ޝުކުރު އަދާކުރެއްވާ ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ރާއްޖޭގައި ދަރިމައިވުމުގެ ދާއިރާއަށް ހާއްސަ ޑޮކްޓަރުން މަދުވުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.
އެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި އެވެ.

އަދި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވި އެވެ.
ފަސްޓްލޭޑީ ސާޖިދާގެ ވާހަކަފުޅުގައި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިންގ އަދި ނަފްސާނީ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ރަނގަޅު ކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވި އެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި އަންހެނުންގެ ލީޑަޝިޕް އިތުރުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
މެކް ފައުންޑޭޝަނާ ގުޅިގެން މީގެ ކުރިން ވެސް ދަރިމައިވުމާ ގުޅޭ މައްސަލަތަކާއި، ޖިންސީ ތަފާތުކުރުންތަކާ ގުޅޭ އަނިޔާ އާއި އަންހެނުން ބާރުވެރިކުރުވުމާއި ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ މައްސަލަތަކަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމުތައް ހިންގާފައިވާ ކަމަށް ފަސްޓްލޭޑީ ސާޖިދާ ފާހަގަކުރެއްވި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓުގައި އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.



