ރިސޯޓުތަކުން ފަތުރުވެރިންގެ އަތުން ޑޮލަރުން ސާވިސް ޗާޖު ނަގާނަމަ، މުވައްޒަފުންނަށްވެސް ސާވިސް ޗާޖު ދޭންވާނީ ޑޮލަރުން ކަމަށް ވިޔަފާރިވެރިޔާ އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބައެއް ބޮޑެތި ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާއިން ދޭން ނިންމާފައިވުމާއި ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، އެ ނިންމުމަކީ ހައްގު ނިންމުމެއް ނޫން ކަމަށެވެ.
އަދި މުވައްޒަފުންގެ ނުރުހުމުގައި ޑޮލަރުން ލިބެންޖެހޭ ސާވިސް ޗާޖު ރުފިޔާއިން ދިނުމަކީ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލެވިދާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.
”އަޅުގަނޑަކީވެސް އެތައް ހާސް މުވައްޒަފުން ގެންގުޅޭ ކެޓަގަރީ އޭގެ ރިސޯޓުތަކެއް ހިންގާ މީހެއް. އަޅުގަނޑުމެންނަށްވެސް މި ދަތި އެބައޮތް. ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްގެއް،“ ޤާސިމް ވިދާޅުވިއެވެ.
މީގެއިތުރުން، ބައެއް ކުންފުނިތަކުންވެސް މުސާރަ ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭކަމުގެ ޚަބަރާ ގުޅިގެން، ޤާސިމް ވިދާޅުވީ، މުވައްޒަފުންނާއެކު ވެފައިވާ އެއްބަސްވުމުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ، އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުން ކަމަށެވެ.
އަދި ފައިސާގެ ޖިންސު ބަދަލުކުރެވޭނީ ހަމައެކަނި މުވައްޒަފުގެ ރުހުން އޮވެގެން ކަމަށް ޤާސިމް ވިދާޅުވިއެވެ.



