ދިވެހިރާއްޖެ އާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ގައުމުގެ ސްޓޭޓް ޕްރެޒިޑެންޓް އަދި ބޮޑުވަޒީރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓް ލުއޮންގް ކުއޮންގް އަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައިވެއެވެ.
އަދި ދެ ގައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ.
މި ތާރީހީ މުނާސަބަތުންވެސް، ދެ ގައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި، ހާއްސަކޮށް ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާއި، އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭކަން ޔަގީންކުރައްވާކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ވިއެޓްނާމްގެ ބޮޑުވަޒީރު ފާމް މިންހް ޗިންހް އަށް ވަކިން ފޮނުއްވި މެސެޖެއްގައި، ކުރިއަށް އޮތް ތަނުގައި، އެ ގައުމަށް އިތުރު އެއްބާރުލުން ދެއްވާނޭކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.



