ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދާއޫދު އަޙްމަދު މަޤާމުން ވަކިކުރެއްވުމަށް ނިންމަވާފައިވަނީ، 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރި ޚާއްޞަ ކޮމިޝަނުގެ ރިޕޯޓުގައި، އޭނާ ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަމަށް ފާހަގަކުރެވިފައިވާތީއެވެ.
މި ރިޕޯޓު އާންމުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ދާއޫދު އަޙްމަދު މަޤާމުން ވަކިކުރެވުނު އިރު ހުރީ ސަސްޕެންޑް ކުރެވިފައެވެ. އޭނާ ސަސްޕެންޑް ކުރެވިފައިވަނީ ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ.
މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ދާއޫދު އަޙްމަދުގެ ކޮއްކޮ ރައުދު އަޙްމަދު ޒިލާލް އެވެ.
ފުލުހުން މި މައްސަލަ ތަޙުޤީޤުކޮށް ނިންމުމަށްފަހު، ރައުދުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.



