ސިޔާސީ ހަރަކާތްތައް ހިންގުމަށް ދެވިފައިވާ ފުރުސަތުތަކާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ފަރާތްތަކުން ވާހަކަދެއްކުމުގެ ބަދަލުގައި، ޑިމޮކްރަސީ ދެމެހެއްޓުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ މިހެން ވިދާޅުވީ ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބާއްވާ ހަފުލާއަށް ސަރުކާރުން ތަނެއް ހަމަނުޖައްސައިދީފިނަމަ، އެ ހަފުލާ މުލިއާގޭ ކަންމަތީގައި ބާއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވުމާއި ގުޅިގެންނެވެ.
ހީނާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު އިތުރަށް ފުޅާކޮށްދީފައެވެ. މިގޮތުން ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަނުގެ ގޮތުގައި ކާނިވާ ސަރަހައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު، އުސްފަސްގަނޑު އަދި ރަސްފަންނު ހިމެނެއެވެ.
”އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިންމު އަދި އެހާމެ ރިވެތި އަސާސެކެވެ،“ ހީނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުން ފާހަގަކުރުމަށާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ރޭވި ހަފުލާތަކަށް ތަނެއް ހޯދުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ.
އެހެންކަމުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ގައި މުލިއާގޭ ކަންމަތީގައި އެ ހަފުލާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.




