ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާއި ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާ ދެންނެވުމަށް ބާއްވަން ރާވާފައިވާ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ހަމަޖައްސައިފިއެވެ.
އެކްސްގައި މިރޭ ހިއްސާކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ތަނެއް ކަމަށާއި، މިހާތަނަށް އެތަން އެއްވެސް ފަރާތަކަށް ކުއްޔަށް ދީފައި ނުވާނެ ކަމަށެވެ.
އަދި ކުއްޔަށް ދިނުމަށް އެއްވެސް އުސޫލެއްވެސް އަދި ކަނޑައަޅާފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފައެވެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން އެމްޑީޕީން ވަނީ ސަރުކާރުން އެ ޕާޓީގެ ޖަލްސާ ބޭއްވުމަށް އެއްވެސް ތަނެއް ނުދޭ ކަމަށް ބުނެފައެވެ. އަދި އެއްވެސް ތަނެއް ނުލިބިއްޖެނަމަ، މުލިއާގޭ ކައިރީގައި ޖަލްސާ ބާއްވާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.


