އެމެރިކާގެ ޝިޕިން ކުންފުނި ފެޑެރަލް އެކްސްޕްރެސް (ފެޑެކްސް)ގެ ބާނީ ފްރެޑް ސްމިތް އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ.
ދެ ކައިވެންޏަކުން 10 ދަރިން ލިބިފައިވާ ފްރެޑް ސްމިތްއަކީ އެމެރިކާގެ މެރިން ކޯޕްސްގައި ހިދުމަތް ކުރެއްވުމަށްފަހު 1973 ވަނަ އަހަރު ފެޑެކްސް ކުންފުނި އުފެއްދި ފަރާތެވެ.
ފެޑެކްސް ކުންފުނިން ހާމަކުރި ގޮތުގައި ސްމިތްއަކީ އެ އިންޑަސްޓްރީގައި އިސްކޮށް އުޅެމުން މުވައްޒަފުންނާއެކު މަސައްކަތްކޮތް ގިނަ ކާމިޔާބީތަކެއް ހޯއްދާފައިވާ މީހެކެވެ.
އެ ކުންފުނީގެ މިހާރުގެ ސީއީއޯ ރާޖް ސުބްރަމާނިއަމް މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ ފްރެޑް ސްމިތްއަކީ ފެޑެކްސް ކުންފުނީގެ ހިތާއި ފުރާނަ ކަމަށާއި ބައިނަލްއަގުވާމީ ޑެލިވަރީގެ ހިދުމަތަށް އިންގިލާބީ ބަދަލެއް ގެނެސްދިން މީހެއް ކަމަށެވެ.
ފެޑެކްސްގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ”ފެޑެރަލް އެކްސްޕްރެސް“ ގެ ނަމުގައެވެ. އެގޮތުން 1971 އިން ފެށިގެން 1999 އާ ހަމައަށް ހިދުމަތް ދެމުން އައީ އެ ނަމުގައެވެ.
ނަމަވެސް 2000 ވަނަ އަހަރު އެ ނަން ފެޑެކްސް ކޯޕަރޭޝަނަށް ބަދަލުކުރެވުނެވެ. ފްރެޑް ސްމިތް ވަނީ 2022 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދާކޮށްފައެވެ.
މިއަދު ފެޑެކްސްއަކީ ދުނިޔޭގެ އެންމެ ބޮޑެތި ޝިޕިން ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. ދުވާލެއްގެ މައްޗަށް އެތައް މިލިއަން ޕެކޭޖުތަކެއް ޑެލިވަރީ ކުރާ މި ކުންފުނީގައި 705 މަތިންދާބޯޓާއި ދެ ލައްކަ ވެހިކަލް ބޭނުންކުރެއެވެ.
އަދި މުޅި ދުނިޔޭގައި 2،000 އަށް ވުރެ ގިނަ ލޮކޭޝަންގައި ހިދުމަތްދޭ މި ކުންފުނީގައި 505،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.



