ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މިހެން ވިދާޅުވީ އިންސްޕެކްޓަރ ކޯސް 4 ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި ކޯހުން އެއްވަނަ ހާސިލުކުރެއްވި ސަބް އިންސްޕެކްޓަރ ނިޒާމް މުޙައްމަދަށް ސީޕީ މަރުހަބާ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ކެރިއާގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ މުހިންމު ބިންގަލެއްކަމަށާއި، މި ކޯހުގެ ތެރެއިން ގާނޫނީ ޒިންމާތަކާއި މަސައްކަތް މެނޭޖުކުރުމުގެ ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށެވެ.
އަދި ކޯހުގެ މައިގަނޑު މަޤްޞަދަކީ އިންސްޕެކްޓަރު ރޭންކުގެ ޒިންމާ އަދާކުރެވޭ މިންވަރަށް ހުނަރާއި އިލްމު ލައިދިނުންކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.
ސީޕީ ނަވީން އިތުރަށް ވިދާޅުވީ، ދިވެހި މުޖުތަމައަކީ ހުޅުވިފައިވާ މުޖުތަމައަކަށް ވުމާއެކު، ކޮންމެ ފުލުހަކުވެސް އަމިއްލަ ފަރުދީ ފެންވަރުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް، ނަޒާހަތްތެރި، ޒިންމާދާރު އަދި ޤާބިލު ފުލުހަކަށް ވުމަށް މަސައްކަތްކުރަންވާނެ ކަމަށެވެ.



