ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޗިއާ މޮސްކޯގައި ބައްދަލުކޮށްފިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާއާ ގުޅޭގޮތުންނެވެ. އަރަޗި ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްއަށް ގުޅުމަށްފަހު، އެމެރިކާގެ ހަމަލާއަށް ރައްދު ދޭނެކަމުގެ އިންޒާރު ދީފައެވެ.
ޕުޓިން ހާމަކުރި ގޮތުގައި އޭނާ ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލްގެ ބެންޖަމިން ނަތަންޔާހު، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ރައީސް މުހައްމަދު އަލް ނަހްޔާން އަދި އީރާނުގެ ރައީސް މަސުދް ޕަޒެސްކިޔަންއާ ވާހަކަދައްކާފައެވެ.
އެހެންނަމަވެސް މި މުވާސަލާތުތައް ކުރެވުނު ވަގުތު އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ފުޓިން ބުނިގޮތުގައި ޓްރަމްޕް ވަނީ އާދީއްތަ ދުވަހު އީރާނަށް ދިން ހަމަލާގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ޔަގީންކޮށްދީފައެވެ.
އީރާނަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އަރަޗި ވަނީ ޕުޓިންއަށް ޝުކުރު އަދާކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެފަރާތުން އެއްބަސްވެފައިވެއެވެ.
އެމެރިކާއިން އީރާނަށް ދިން ހަމަލާގައި ބީ-2 ބޮމްބަރު މަތިންދާބޯޓުތައް ބޭނުންކޮށްފައިވާއިރު، މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލަށް އެހީތެރިވާ ކޮންމެ ފަރާތަކަށްވެސް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
މީގެ އިތުރުން، އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.



