އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމާ ދެ ގައުމުންވެސް ހިލާފުވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ނޭޓޯ ސަމިޓަށް ދަތުރުކުރުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރައީސް ޓްރަމްޕް ބުނީ، ދެ ގައުމުގެ އަމަލުތަކާމެދުވެސް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިސްރާއީލުގެ އަމަލުތަކާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.
”12 ގަޑިއިރުގެ ހުއްޓުމެއް އަންނާނެ ކަމަށް ބުނެފައި، ފުރަތަމަ ގަޑިއިރުގައި ހުރިހާ އެއްޗެއް އެއްފަހަރާ އުކާލުމަކީ ރަނގަޅު ކަމެއް ނޫން. އަދި މިރޭ ފަތިހު އިސްރާއީލުން އެ ހިންގި ހަމަލާއާ މެދުވެސް އަހަރެން ހިތްހަމައެއް ނުޖެހޭ. އެއީ ގޯހަކުން ވެސް ދޫވެދާނެ ރޮކެޓެއްގެ ސަބަބުން. އަދި އެ ރޮކެޓް ވެއްޓުނު ތަނެއްވެސް ނޭނގޭ،“ ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް މެދުވެރިވެ ދެ ގައުމުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން 12 ގަޑިއިރުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވަނިކޮށް، އެ އެއްބަސްވުމާ ހިލާފަށް ދެ ގައުމުންވެސް އަމަލުތައް ހިންގާފައިވާ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
ޔަހޫދީ އިސްރާއީލާއި އީރާނާ ދެމެދު ފެށިފައިވާ ހަނގުރާމަ ހުއްޓާލަން އެ ދެ ޤައުމުންވެސް އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް ވަނީ މިއަދު ހެނދުނު އިއުލާނު ކޮށްފައެވެ.
ނަމަވެސް އެކަން ހާމަކުރިތާ މާގިނައިރެއްނުވެ އިސްރާއީލުން ވަނީ، އީރާނުން މިސޭލު ފޮނުވިކަމަށް ތުހުމަތުކޮށް، އީރާނުގެ ވެރިރަށް ތެހްރާނަށް ބޮމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.
ނަމަވެސް އީރާނުން ވަނީ އެފަދަ ހަމަލާއެއް ދިންކަމަށް ބުނި ވާހަކަތައް ދޮގުކޮށްފައެވެ.


