އީރާނާ އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަނގުރާމައަށް ވުރެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ފަލާހު ހާމަކުރެއްވީ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އީރާން-އިސްރާއީލް ހަނގުރާމައާ ގުޅޭ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
”އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ. އެމްޑީޕީއަކީ އެންމެ ގިނައިން ދައުލަތުން އާމްދަނީ ވެސް ލިބޭ ޕާޓީ އަދި އެ ފައިސާއަށް ވާ ގޮތެއް ނޭނގުނަސް. އެހެންނަމަވެސް ހިތާމައެއް އެބައޮތް އިއްޒަތްތެރި ރައީސް. ހިތާމައަކީ މި ހަނގުރާމައަށްވުރެ، މި ގައުމަށް އެމްޑީޕީގެ ފަރާތުން ލިބޭ ގެއްލުން ބޮޑުކަން،“ ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޔޫރަޕްގެ ގައުމުތަކަށް ވަޑައިގެން، ރާއްޖޭގެ ޓޫރިޒަމް ’ބޮއިކޮޓް‘ ކުރުމަށް ގޮވާލާފައިވާކަން ތާރީހުން ވެސް ފެންނާން އޮތްކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި ހަނގުރާމައިގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން އެދުނު ނަމަވެސް، ސަރުކާރުން މިހާރު ވެސް ދަނީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން ކަމަށް ފަލާހު ވިދާޅުވިއެވެ.
އަދި ވަކިން ހާއްސަކޮށް ގައުމަށް ގެއްލުންވެ ދަތި ނުވާނެ ގޮތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކަން ބައްޓަންކުރައްވާނެކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.



