ހެޔޮ ވެރިކަމެއް ކުރުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރަމުންދާ މުހިއްމު ދައުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފާހަގަކުރެއްވުމުން އދ އިން މަރުހަބާ ކިޔައިފިއެވެ.
އދ. ގެ ޕަބްލިކް ސަރވިސް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއް ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ.
ރައީސްގެ މި ޕޯސްޓާ ގުޅިގެން އދ އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުން ހިތްވަރާއެކު ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތް ފާހަގަކޮށް، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދައުރު ރައީސް މުޢިއްޒު ފާހަގަކުރެއްވި ކުރެއްވުމަށް މަރުޙަބާ ކިޔާ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން 23 ގައި ފާހަގަކުރާ އދ. ގެ ޕަބްލިކް ސާވިސް ދުވަހުގެ މަޤްޞަދަކީ ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. އަދި ޤައުމީ ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިންގެ ހިއްސާ ފާހަގަކޮށް، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމެވެ.
މި މުނާސަބަތުގައި ރައީސް ވަނީ ޤައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.



