އިސްރާއީލާ ދެކޮޅަށް އީރާނުން ކުރި ހަނގުރާމައިގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ގައުމުގެ ވެރިރަށް ތެހްރާނުގެ މަގުތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އުފާ ފާޅުކުރަން ފަށައިފި އެވެ.
އާންމުވަމުންދާ ވީޑިއޯ ފުޓޭޖްތަކުން ދައްކާގޮތުގައި، މި އެއްވުން ކުރިއަށް ގޮސްފައިވަނީ ތެހްރާނުގެ ރިވޮލިއުޝަން ސްކޮޔާގައެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި މިއީ އީރާނުގެ އަސްކަރީ ބާރުތަކަށް އޮތް ތާއީދާއި ތައުރީފު ހާމަކޮށް، އިސްރާއީލާ ދެކޮޅަށް އީރާނުން ކުރި ހަނގުރާމައިގައި ލިބުނު ކާމިޔާބީއާ ގުޅިގެން އުފާ ފާޅުކުރަން ބޭއްވުނު އެއްވުމެކެވެ.
އީރާނުގެ މީޑިއާތަކުން ގެނެސްދިން ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، އެއްވުމުގެ ބައިވެރިން ވަނީ އިސްރާއީލާއި އެމެރިކާގެ ”ހަރުކަށި ފިޔަވަޅުތަކަށް“ އީރާނުގެ ސިފައިން ދިން ޖަވާބަށް ތައުރީފުކޮށް، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސިފައިންނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.
އެއްވުމުގެ ބައިވެރިން ވަނީ އީރާނުގެ ދިދަތަކާއި އެ ގައުމުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ ޕޯސްޓަރުތައް ހިފައިގެން އީރާނަށް ތާއީދުކޮށް އަޑުއުފުލާފައެވެ.
ނަމަވެސް މިއީ އީރާނުގެ ސަރުކާރުން އިންތިޒާމްކޮށްގެން ބޭއްވި އެއްވުމެއްކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
މި އެއްވުން ރިޕޯޓުކުރުމުގައި އީރާނުގެ ނިއުސް އެޖެންސީތަކުގެ ތެރެއިން އައިއާރްއެންއޭ، ފާރްސް އަދި މެހެރް ހިމެނެއެވެ.



