ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އައްޑޫ ސިޓީގައި ބޮޑު އޮޕްރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އައްޑޫއަށް ހާއްސަކޮށް ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު ”އޮޕަރޭޝަން ހަމަމަގު“ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ.
އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން 35 އިމިގްރޭޝަން އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށްގެންދަން ހަމަޖެހުނު މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި މަސައްކަތްކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެނެވޭނެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިންނަށްވެސް މި އޮޕަރޭޝަނުގައި ނޯޓިސް ދެވޭނެ ކަމަށެވެ.


