ކުލަބް ވޯލްޑްކަޕްގައި މިއަދު ހެނދުނު ކުޅުނު މެޗެން އެސްޕެރެންސް ތޫނިސް ބަލިކޮށް ޗެލްސީއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ޗެލްސީއިން އެސްޕެރެންސް ތޫނިސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކާލި ޗެލްސީ އިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒްގެ ހިލޭ ޖެހުމަކުން ލިބުނު ބޯޅައެއް ބޮލުން ގޯލަށް ޖަހާލައިގެންނެވެ.
ޗެލްސީގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕެވެ. މިއީ އިޕްސްވިޗް ދޫކޮށް ޗެލްސީއާ ގުޅުމަށްފަހު އޭނާ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގެ ތިންވަނަ އަދި އެންމެ ފަހު ލަނޑު އައީ ފަހު ހާފުގެ އިތުރު ވަގުތުގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ޓިރިކް ޖޯޖެވެ.
މި ނަތީޖާއާއެކު ޗެލްސީއިން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދާ، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
އެސްޕަރާންސް ތޫނިސް ތިން މެޗުން ތިން ޕޮއިންޓާއެކު މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ޗެލްސީ އިން ވާދަކުރާނީ ގުރޫޕް ސީގެ އެއްވަނަ ހޯދި ބެންފީކާއާއެވެ.
މި މެޗު ކުޅޭނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.




