ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި، މިރޭ ރައްޔިތުންނާ މުޚާތަބުކުރައްވައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި، ހިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ހެޔޮ ދުޢާތައް އުޚުއްވަތްތެރި އެންމެހާ މުސްލިމުންނަށާއި، ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރެއްވިއެވެ.
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ އުންމަތަށް މިއީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެކެވެ.
މެދުއިރުމަތީގެ އިސްލާމީ ބައެއް ޤައުމުތައް ދާދިފަހުން ހަނގުރާމައިގެ ނުތަނަވަސް ޙާލަތެއް ތަޙައްމަލު ކުރިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ދިވެހިރައްޔިތުންގެ އިޚްލާޞްތެރި ދުޢާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކު ކަމަށެވެ.
އެގޮތުން، ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އެދިވަޑައިގެންނެވިއިރު، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޠަނަކަށްވެސް ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، ﷲގެ ޙަޟްރަތުގައި ދެންނެވިއެވެ.
ރައީސްގެ ޚިޠާބުގައި، ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް ޢިބްރަތެއް ލިބިދޭ ތާރީޚީ ޙާދިސާއެއް ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެށްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ޤައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ޙިކްމަތްތެރި ހަމަތަކެއް ކަމަށެވެ.
ރައީސް ވަނީ ހިޖުރައިގެ ދަތުރުފުޅުން ލިބޭ މުހިންމު ފިލާވަޅުތަކަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން، ކަމެއް ކާމިޔާބު ކުރުމަށް ބުއްދިވެރިކަމާއެކު ޕްލޭން ކުރުމުގެ މުހިންމުކަން ރަސޫލާގެ ހިޖުރައިން ދޭހަވާކަން ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި، ހިޖުރައިގެ ދަތުރުފުޅުގެ ހައެއްކަ މަސް ކުރިއަށް ދަތުރުފުޅުގެ ސަވާރީ ހޯއްދަވައި، ހާނުއްވަން ފެށްޓެވުމާއި، މަދީނާއަށް ހިޖުރަ ކުރައްވަމުން ދިޔަ ޞަޙާބީންގެ ފުށުން ޚަބަރުތައް އޮޅުންފިލުއްވަމުން ގެންދެވުމާއި، މަދީނާގެ ކަމުވޮށީންގެ ދެ ވަފްދަކާއެކު ދުރާލާ މަޝްވަރާ ކުރައްވައި ބައިޢަތު ހިއްޕެވުމާއި، މުޅި ދަތުރުފުޅުގެ މިސްރާބާއި މަންޒިލްތައް ކަނޑައެޅުއްވުމުގައި ސިއްރު ހިފެހެއްޓެވުން ހިމެނެއެވެ.
އަދި، ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަންވެސް އެކަލޭގެފާނުގެ ހިޖުރައިން ފެންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ މިސާލުތަކުގެ ތެރޭގައި، ދަތުރުފުޅަށް ފެށްޓެވި ރޭ، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އެނދުދާންކޮޅުގައި ޢަލީގެފާނު ބޭއްވެވުމާއި، ޢާއްމުކޮށް މަދީނާގެ ދަތުރަށް މީހުން މިޞްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގައި 3 ރޭ މަޑުކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ޞަޙާބީ ބޭކަލެއްކަމުގައިވާ ޢާމިރު ބިން ފުހައިރާއާ ޙަވާލުކުރެއްވުން ހިމެނެއެވެ.
އިސްލާމީ މުޖްތަމަޢުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ޙިއްސާގެ ބޮޑުކަންވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދަތުރުފުޅުމަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ޚަބަރުތައް ގެނެސްދެއްވުން ޒުވާން ޞަޙާބީ ޢަބްދުﷲ ބިން އަބޫބަކުރާ ޙަވާލުކުރެއްވުމާއި، ފަރިއްކޮޅު ގެނަސްދެއްވުން ހިތްވަރުގަދަ އަންހެން ޞަޙާބީ އަސްމާ ބިންތު އަބޫބަކުރާ ޙަވާލުކުރެއްވުން މިސާލުކޮށްދެއްވި ކަމަށެވެ.
އަދި، މުސްލިމުން އިތުރު ތަޖްރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު، އިތުބާރުހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލެއްގެ ގޮތުން، މައްކާއަށް މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި މި ޙައްސާސް ދަތުރުފުޅުގައި ޚިޔާރުކުރެއްވީ، އެކަމުގެ ތަޖްރިބާކާރެއް ކަމުގައިވާ ޢަބްދުﷲ ބިން ޢުރައިޤަޠު ކަމުގައި ވިދާޅުވިއެވެ. އެއީ އޭރު ޣައިރު މުސްލިމެކެވެ.
ރައީސް ވިދާޅުވީ، މަދީނާއަށް ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަޑައިގެން އެންމެ އިސްކަން ދެއްވީ، މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރުންގެ މެދުގައި މުއާޚާތު ކުރައްވައި މުސްލިމުންގެ އެކުވެރިކަން ބަދަހިކުރެއްވުމަށާއި، މަދީނާގެ ސަރަޙައްދުގައި ދިރިއުޅޭ އެހެން ޢަޤީދާތަކުގެ އަހުލުވެރީންނާއެކު ޞުލްޙައިގެ އެއްބަސްވުންތައް ޤާއިމު ކުރައްވައި، އެކި ފިކުރުތަކުގެ މީހުންނާ ލާމެހި މަސަލަސްކަމާއެކު ދިރިއުޅުމުގެ ނަމޫނާ ދެއްކެވުމަށާއި، މަދީނާ ބިނާކުރައްވައި އާރޯކަން އިތުރުކުރައްވައި، ރަށްވެހި ރީތި ސަހަރަކަށް ހެއްދެވުމަށާއި، ތަރުތީބު އަދި ތަހުޒީބު ނިޒާމެއް ޤާއިމު ކުރައްވައި ތަންފީޒު ކުރެއްވުމަށެވެ.
ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާގެ މާތް ސުންނަތުން ފެންނާން ހުރި މިފަދަ ކޮންމެ ކަމަކީވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ޙަޤީޤަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށާއި، ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމަށެވެ.
ޚިޠާބު ނިންމަވާލެއްވީ އިސްލާމީ އުންމަތަށް ހެޔޮ ދުޢާތަކަކުންނެވެ. އެގޮތުން، ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ޙިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަޞްރާއި ނަސީބު މާތްﷲގެ ޙަޟްރަތުން ދެއްވުން އެދިވަޑައިގެންނެވިއެވެ.
އަދި، ދިވެހި ލޮބުވެތި ވަޠަން ކީރިތިކަމާއި މޫރިތިކަމުގައި، އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލަހައްޓަވަން ދުޢާ ކުރެއްވިއެވެ.



