މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް މިއަދު އައްޔަންކޮށްފިއެވެ.
މި މަގާމަށް ޔާމީން އައްޔަންކޮށްފައިވަނީ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
މިހާރު އަމިއްލަ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ޔާމީން، މި މަގާމަށް ކުރިމަތިލެއްވީ ބްރޯޑްކޮމުން މި މަހުގެ ކުރީކޮޅު ހުޅުވާލި ފުރުސަތުގައެވެ.
ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން، މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ތިން ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރެވިފައެވެ. ޒީނިޔާ ސަސްޕެންޑް ކުރެވުނީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި، ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެއެވެ.
ޒީނިޔާ މަގާމުން ވަކިކުރުމާ ގުޅިގެން، ބްރޯޑްކޮމްގެ މުވައްޒަފުންތަކެއް ވަނީ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.
މި ޕެޓިޝަންގައި މުވައްޒަފުން ފާހަގަކޮށްފައިވަނީ ކޮމިޝަންގެ ރައީސް ސޮފާ ޝަފީގާއި ބައެއް މެމްބަރުން، އިދާރީ ހިންގުމުގެ ކަންކަމުގައި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ނުކުރާ ކަމަށާއި، ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއަޅަމުންދާ ކަމަށެވެ.



