ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަނުން އައްޑޫ ސިޓީގައި އިއްޔެ ކުރިއަށްގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި ސައްހަ ވިސާ ނެތް 83 ބިދޭސީއަކު އަތުލައިގެންފިއެވެ.
”އޮޕަރޭޝަން ހަމަމަގު“ ގެ ނަމުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 678 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ 75 ފަރާތަކަށް ވަނީ ނޯޓިސް ދީފައެވެ. މި އޮޕަރޭޝަނަކީ އައްޑޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ޚާއްސަ މަސައްކަތެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގެ 35 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުން ބައިވެރިވެފައިވެއެވެ.
ހޯމް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން މިހާރު ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާތަނަށް 6,000 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.
އިމިގްރޭޝަނުން ވަނީ ”އިމިގްރޭޝަން ވޮޗް“ ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ޤާއިމްކޮށްފައެވެ. މި ޕްލެޓްފޯމަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ޚާއްސަކޮށްފައިވާ ޕްލެޓްފޯމެކެވެ.
މިހާތަނަށް މި ޕްލެޓްފޯމަށް 1,297 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ.



