ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭ ފޭސް އެކެއްގައި ހަދަމުންދާ އައު އިމާރާތް އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ ވަނީ ބައްލަވާލައްވާފައެވެ. މި އިމާރާތަކީ ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެކެވެ.
މި އިމާރާތް ހެދުމަށް މަސައްކަތް ފެށިފައިވަނީ މިހާރު ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ހަލާކުވެ، ބާވެފައިވާތީއެވެ.
އެ އިމާރާތުގެ ހާލަތު ދެނެގަތުމަށް ކަމާބެހޭ މާހިރުން ވަނީ އިންސްޕެކްޝަނެއް ހަދާފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މާހިރުންގެ އިރުޝާދުގައި ވަނީ މިހާރުގެ ކްރިމިނަލް ކޯޓުގެ އިމާރާތަކީ ބޭނުންކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށެވެ.


