ޗައިނާގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ގުއިޒޫ ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ހަ މީހުން މަރުވެ، 80،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގުއިޒޫ ޕްރޮވިންސްގެ ރޮންޖިއާންގް ކައުންޓީއަށް ކުރަމުންދާ ވިއްސާރައިގައި އެ ސަރަހައްދުގެ މަގުތައް ފެންބޮޑުވެ ދުއްވާ އެއްޗެހި ދުއްވުމަށް ދަތިވެފައިވާ ހިސާބަށް ގޮސްފައިވެއެވެ.
އަދި އެތައް ގެއަކަށް ވަނީ ފެންވަދެފައެވެ. މި ހާލަތާ ގުޅިގެން ޗައިނާ ސަރުކާރުން ވަނީ އެންމެ މަތީ ފެންވަރުގެ ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލުކުރަން ފަށާފައެވެ.
މި ވިއްސާރައާ ގުޅިގެން ގާތްގަނޑަކަށް 80،900 މީހުން އެ ސަރަހައްދުން ހުސްކުރަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހުރިހާ ރައްޔިތުން މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ.
ފެންބޮޑުވުން ކޮންޓްރޯލް ކުރާ މަރުކަޒުން މިއަދު ހެނދުނު 11 ޖެހިއިރު ދިން މައުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި ހަ މީހުން ވަނީ މަރުވެފައެވެ. އެ މަރުކަޒުން އިތުރަށް ބުނި ގޮތުގައި، ކައުންޓީގެ ގިނަ ތިރި ހިސާބުތަކަށް ފެންވަދެ، ބިންގަނޑު ކަނޑައިގެން ގޮސް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، ދަތުރުފަތުރަށް ހުރަސްއެޅި، މުއާސަލާތީ ނިޒާމުތަކަށްވެސް ބުރޫ އަރައި، ބައެއް މީހުން ތާށިވެފައިވެއެވެ.
އެ ސަރަހައްދަށް މިހާރު ހުދު ސަމާލު ނެރެފައިވާއިރު، މި ހާދިސާއަށްފަހު އަނބުރާ ކުރީގެ ހާލަތަށް ގެނައުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
އަދި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.



