ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް މެދުކެނޑުމެއްނެތި ދެމުންދާއިރު، މިއަދުވެސް 56 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ހާމަކޮށްފިއެވެ.
މީގެ ތެރޭގައި އެހީ ބަހާ މަރުކަޒުތަކުން އެހީ ހޯދަން ދިޔަ މަދުވެގެން ހަ މީހުން ހިމެނޭ ކަމަށް ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް މައުލޫމާތު ދެއްވިއެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށިތާ 20 މަސް ދުވަސް ވެފައިވާއިރު، މިހާރު އެ ސަރަހައްދު ވަނީ ކާބޯތަކެތި ހުސްވެ، ރައްޔިތުން ބަނޑުހައިހޫނުކަމުގައި އުޅެން ޖެހިފައެވެ. އިޒްރޭލާއި އެމެރިކާގެ ބާރުގެ ދަށުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، ކޮންމެ ދުވަހަކުހެން އެހީގެ މަރުކަޒުތަކުގެ ކައިރިން އާންމު ރައްޔިތުން ޝަހީދުކޮށްލަމުންދާ ކަމަށް ވެސް ސިވިލް ޑިފެންސްއިން ފާހަގަކުރިއެވެ.
މިއަދު ވެސް އެހީގެ ދެ މަރުކަޒެއްގެ ކައިރީގައި އާންމުންނަށް ހަމަލާދީ ޝަހީދުކޮށްލާފައިވާ ކަމަށް ސިވިލް ޑިފެންސްއިން ހާމަކުރިއެވެ. އަދި މީގެ ދެ ދުވަސް ކުރިން އިޒްރޭލު-އީރާން ހަނގުރާމައިގައި ހޭދަވި 12 ދުވަސް ތެރޭގައި ވެސް ޣައްޒާގައި 870 މީހަކު ޝަހީދުކޮށްލާފައިވާކަން ރެކޯޑްތަކުން ދައްކައެވެ.
އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 56،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމައުއިން މި އަނިޔާވެރިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.
އަދި ޣައްޒާގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.



