ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ބަދަލު ނުހިފާނެކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ”ފަލަސުރުހީ“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މަޝްހޫރު ސައިންޓިސްޓް އައިންސްޓައިންގެ ބަސްކޮޅަކަށް ރިފަރކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ބަދަލު ހިފާނީ ބަލިކަށި މީހުން ކަމަށާއި، މައާފުކުރާނީ ”ސްޓްރޯންގް“ މީހުން ކަމަށެވެ. އަދި ވިސްނުން ތޫނު މީހުން ކުރާނެ ކަމަކީ ”އިގްނޯ“ ކުރުން ކަމަށް ސޯލިހު ވިދާޅުވިއެވެ.
”ހަމަގައިމު ވެސް އަޅުގަނޑެއް ނުދާނެ އޭގެ ފުރަތަމަ ބަޔަކަށް. ބަދަލު ހިފުމެއް އަޅުގަނޑުގެ ނޯންނާނެ، ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެކަން.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
މި މަހުގެ 23 ވަނަ ދުވަހު ދަ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންނާއެކު ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި ދެ ޕާޓީއަކީ ވެސް ގާތްގަނޑަކަށް އެއް ވިސްނުމެއް ގެންގުޅޭ ދެ ޕާޓީ ކަމަށް ސޯލިހު ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު، ދެ ޕާޓީ އެކުގައި މަސައްކަތްކުރުމުގެ ވާހަކަތައް ދެކެވުނު ކަމަށާއި، އޭރު ބައެއް ބޭފުޅުން ކޯލިޝަނެއް ހެދުމުގެ ޚިޔާލު ގެންގުޅުއްވި ނަމަވެސް، އެއީ އެ މަނިކުފާނު ތާއީދުކުރެއްވި ކަމެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ މަނިކުފާނަށް ގަބޫލުކުރެއްވުނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.




