ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ ރަށްތަކެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން އެކްސްގައި އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ، މިކަމާ ގުޅޭ ތަފްސީލީ ޕްލޭން އަންނަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން އާންމު ކުރާނެ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔޭގައި މަޝްހޫރު ސިނާއަތެކެވެ. އަދި މިއީ ދެމެހެއްޓެނިވި، ފަތުރުވެރިންގެ ތަޖުރިބާ އަދި މެހެމާންދާރީގެ ރޮނގުން މިސާލަކަށް ވެފައިވާ ދާއިރާއެކެވެ.
”ރާއްޖޭގެ އަމާޒު މިހާރު ހުރީ ޙަލާލް ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ގައުމަކަށް ވުމަށް.“ ރައީސް ވިދާޅުވިއެވެ.
ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ޚާއްސަކުރެވޭ ރަށްތަކުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ސަރުކާރުން ޚާއްސަ އިނާޔަތްތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް އިތުރަށް ތަނަވަސްވެ، ފުރިހަމަވެގެންދާނެ ކަމަށެވެ.
ރާއްޖެއަކީ އިންވެސްޓްމަންޓަށް ހުޅުވާލެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް އޮތް ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތްކަމަށެވެ.




