ގއ. ކޮލަމާފުށިން މަސަތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ގއ. ކޮލަމާފުއްޓަށް މަސަތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން 25 ޖޫން 2025 ގައި ގއ. ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އާރްޓީއެލް ފެރީގައި ގއ. ކޮލަމާފުއްޓަށް އައި ގއ. ކޮލަމާފުށީ ދޮންވެލި، ޝިފާއުﷲ ސަޢީދު (44 އަހަރު) ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ.
އަދި ބަލައި ފާސް ކުރިއިރު އޭނާ ގެންދިޔަ ފޮށިގަނޑެއްގެ ތެރެއިން މަސަތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، ޝިފާއުﷲ ސަޢީދު ހުއްޓުވަން އުޅުމުން، މަޑު ނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި، ކަނާއަތު ކަކުލަށް އަނިޔާވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޝިފާއުﷲ ސަޢީދު ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 11 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



