އިޒްރޭލުގެ މޮސާޑް އިންޓެލިޖެންސް އޭޖެންސީއަށް ޖާސޫސްކަން ކުރިކަމުގެ ދައުވާގައި ތިން މީހަކަށް އިރާނުން މަރުގެ އަދަބު ދީފިއެވެ.
މީޒާން ނިއުސް އޭޖެންސީން މިކަން ހާމަކުރި ގޮތުގައި، މި ތިން މީހުން ދަން ޖައްސައި މަރާލީ އިރާނުގެ ވެސްޓް އަޒަރުބައިޖާން ޕްރޮވިންސްގައި ހިމެނޭ އުރުމިއާގައި 25 ޖޫން 2025 ވަނަ ދުވަހުއެވެ.
މަރުގެ އަދަބު ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ އިޑްރިސް އަލީ، އަޒާޑް ޝޮޖާއީ އަދި އިރާގުގެ ރައްޔިތެއް ކަމަށްވާ ރަސޫލް އަހުމަދް ރަސޫލްއެވެ. މި ތިން މީހުންނަށް ކުށް ސާބިތުވެފައިވަނީ މޮސާޑާއެކު މަސައްކަތްކޮށް، އިރާނުގެ އިސް އޮފިޝަލެއް އަވަހާރަކޮށްލުމަށް ބޭނުންކުރި އާލާތްތައް އިރާނަށް ވެއްދުމުގެ ދައުވާގައެވެ.
އިރާން އާއި އިޒްރޭލް އާއި ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި ޖާސޫސްކަން ކުރިކަމުގެ ތުހުމަތުގައި މަރުގެ އަދަބު ދީފައިވާ މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ.
އަދި މި މުއްދަތުގައި އިޒްރޭލާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 700 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިރާނުގެ އޮތޯރިޓީތަކުން ބުނެއެވެ.
ނަމަވެސް، އެމްނެސްޓީ އިންޓަނޭޝަނަލް އަދި ހެންގޯފަދަ ހިއުމަން ރައިޓްސް ޖަމާއަތްތަކުން މި މައްސަލަތަކުގެ ޝަރީއަތްތަކާމެދު ސުވާލު އުފައްދާފައިވެއެވެ. މި ޖަމާއަތްތަކުން ބުނާ ގޮތުގައި ޝަރީއަތްތައް ހިންގާފައިވަނީ އަދުލުވެރިކަމާ ނުލައެވެ.
އަދި ދަންޖައްސާފައިވާ މީހުންނަކީ ސިޔާސީ ބަންދީންކަމަށާއި، އެމީހުން މަޖުބޫރުން އިއުތިރާފުވެފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.




