ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފްރީ އިކޮނޮމިކް ޒޯނެއް ގާއިމުކުރުމަށް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއްވެސް ނޫން ކަމަށެވެ.
ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ އެގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދެގައުމުގެ މެދުގައި ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓު ޒޯނެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ޤާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތްކުރާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހު ހަފުތާގެ ތެރޭގަ އެވެ.
އަންނަ މަހުގެ 26 ގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.



