މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ވަޢުދުވެވަޑައިގެންނެވި ފަދައިން އަދި ފެބުރުވަރީ މަހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައިވާ ފަދައިން، ކުރިން ފަތުރުވެރިކަން މާބޮޑަށް ތަރައްޤީވެފައި ނެތް އަތޮޅުތަކުގައި ފަތުރުވެރިކަމުގެ ފުރުޞަތުތައް ހުޅުއްވާލައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި މި އަތޮޅުތަކުގެ ތެރޭގައި ހއ. ހދ. ށ. ތ. ލ. އަދި އައްޑޫ ސިޓީ ހިމެނެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިކަން ކުރާނީ، އިންވެސްޓް ކުރުމަށް ލުއިތަކެއް ދީގެންނާއި، އެނޫން އިންސެންޓިވްސް އާއި އާންމު ބިނާރަށް ހޭދަކުރުމުގެ އިތުރުން ފޯކަސްޑް މާކެޓިންގ އިސްތިރާޖުތަކެއްގެ ތެރެއިން ކަމަށެވެ.
މިއީ އިންވެސްޓްމަންޓްތައް މޮބިލައިޒްކޮށް، މި ސަރަހައްދުތަކުގައި އިޤުތިޞާދީ އިތުރު ހަރަކާތްތައް އަވަސްކުރުމަށް ފަރުމާކޮށްފައިވާ ކަންކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އާންމު ދަތުރުފަތުރުގެ ބިނާރަށް މިހާރު ކުރަމުންދާ ހޭދަތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ދެން އޮތް ބާބާ ހަމައަށް ވާސިލުވުމުގެ ވަގުތު ޖެހިފައިވާ ކަމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލް އަންނަ ހަފުތާގެ ތެރޭގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އާންމުކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.




