ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވާ ޅ. ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިއްޖެއެވެ.
އާރްޑީސީއިން ބުނި ގޮތުގައި، މިއަހަރުގެ މާރިޗް 29 ވަނަ ދުވަހު ހަވާލުކޮށް ސޮއި ކުރެވުނު މި މަޝްރޫއުގެ އަގަކީ 291,600 ރުފިޔާއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރާ ގުޅޭ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދެވެ.
ރައީސްގެ ކުޅިވަރާ ގުޅޭ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދެއްވުމެވެ.

މި ވަޢުދު ފުއްދުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް ފަށާފައެވެ.
މި މަޝްރޫއުތަކުގެ ގިނަ މަސައްކަތްތައް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައެވެ.
މިގޮތުން ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ކުޅިވަރާއި ދުޅަހެޔޮ ދިރިއުޅުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.




