އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ.
އިސްލާމީ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ށ. ފުނަދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިލި ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 102,000 ރުފިޔާއާއި 126,000 ރުފިޔާއާ ދެމެދުގެ އަދަދެއް ހުށަހަޅަންޖެހޭނެއެވެ.
މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ރ. މީދޫ، ކ. ގުޅި، އއ. މަތިވެރި، އދ. ފެންފުށި، ފ. ފީއަލި، ދ. ރިނބުދޫ، ގދ. ނަޑެއްލާ، ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ އަދި ގދ. ފަރެސްމާތޮޑާއެވެ.
މި މަޝްރޫޢުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 40,000 ރުފިޔާއާއި 102,000 ރުފިޔާއާ ދެމެދުގެ އަދަދެއް ހުށަހަޅަންޖެހޭނެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫޢުތައް ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި، ނޭޝަނަލް ޓެންޑަރުގެ އުސޫލުތަކާއި، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ. ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
މި މަޝްރޫޢުތަކަށް އެދި ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 އެވެ. އަދި ބިޑު ހުޅުވުން އޮންނާނީ ޖުލައި 17 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައެވެ.
ރަޖިސްޓްރޭޝަން ފީ ބަލައިގަތުން ކުރިއަށްދާނީ ޖޫން 30 އިން ޖުލައި 15 އަށް ބަންޑޭރި ޕޯޓަލް މެދުވެރިކޮށެވެ.



