ދިރާގުގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން، ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ށ. އަތޮޅުގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކޭމްޕަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ޕްރޮގުރާމުުގެ އިތުރުން ދިރާގުން ބީވީއައިއެސްއެމް އަށް ފޯރުކޮށްދެމުން އަންނަ ފޯނު މީޓިން ޚިދުމަތުގެ އެހީތެރިކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތަކީ ބީވީއައިއެސްއެމް މެންބަރުންގެ މެދުގައި ހިލޭ ކޮންފަރެންސް ކޯލުތައް ކުރެވޭ ގޮތަށް، ބީވީއައިއެސްއެމްގެ ބައްދަލުވުންތައް ބޭއްވުމަށާއި، ތަމްރީނު އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދޭ ޚާއްޞަ ޕްލެޓްފޯމެކެވެ.
އަދި މި ޚިދުމަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ގެނެސްދީ، މުޖުތަމަޢުގައި ޝާމިލުވުން އިތުރުކޮށްދޭ މުހިންމު ވަސީލަތެކެވެ.
ބީވީއައިއެސްއެމްއަކީ ރާއްޖޭގެ ލޯފަން މީހުންގެ ޙައްޤުތަކަށް ވަކާލާތުކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ށ. އަތޮޅުގެ ކަނޑިތީމު، މިލަންދޫ، ފުނަދޫ އަދި ކޮމަންޑޫގައި ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގެ މަޤްޞަދަކީ ލޯފަން ކުދިން މުޖުތަމަޢުގައި ޝާމިލުކޮށް، މި ކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.



