ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މި އަހަރު ބާއްވާ 37 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
މި މަހުގެ 18 ގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިހާރު ވަނީ މި މަހުގެ 4 އާ ހަމައަށް އިތުރުކޮށްފައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ވާންޖެހޭނީ https://one.gov.mv/entities/CHQ މި ލިންކް މެދުވެރިކޮށެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބައި، ސްކޫލް ކުދިންގެ ބައި އަދި މުއައްސަސާތަކުގެ ބައެވެ.
ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް މުޅި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށެވެ. މި ބައިގައި މުއައްސަސާތަކަށް ބޭނުންވާ އަދަދަކަށް ހާފިޒުން ބައިވެރިކުރެވޭނެއެވެ. އަދި އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކުން ޙާފިޒުކަމުގެ ސަނަދު ހުށަހަޅަންޖެހޭނެއެވެ.
މުއައްސަސާތަކުގެ ބައިގައި ބައިވެރިވެވޭނީ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަނަށެވެ. އަދި ސްކޫލް ކުދިންގެ ބައިގައި ބައިވެރިވެވޭނީ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށެވެ.
1981 އިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި ކޮންމެ ބަޔަކުން ގަދަ ތިނެއް ހޮވައި، މުޅި މުބާރާތުން ވެސް ގަދަ ތިނެއް ހޮވާނެއެވެ. އަދި ކޮންމެ ބަޔަކުން އެއްވަނަ އަށް ހޮވޭ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެއެވެ.
ފާއިތުވި އަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެފައިވެއެވެ.



