ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް، ރައްޔިތުންނާ ގާތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް މ.އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ތަޢާރަފުކޮށްފައިވާ، ބަލިތައް އަވަހަށް ދެނެގަނެ، ރައްޔިތުންނާ ގާތުން އިތުބާރުހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެކެވެ.
މިހާތަނަށް މި ޕްރޮގްރާމް ވަނީ 9 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައެވެ. އަދި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޕްރޮގްރާމް ފުޅާކުރުމަށް އަމާޒު ހިފާފައެވެ.
ޕްރޮގްރާމުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ސިއްޙީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ސިއްޙީ މަޢުލޫމާތު ފޯރުކޮށްދީ، އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި، މި އިބްތިދާއީ ސިއްޙީ ނިޒާމަކީ ރައްޔިތުންނާ ގާތުން ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރުހުރި ނިޒާމެވެ. މި ނިޒާމުގެ މައިގަނޑު އަމާޒަކީ ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނުވައި، ބަލިތައް އަވަހަށް ދެނެގަތުމެވެ.
މި އިބްތިދާއީ ސިއްޙީ ނިޒާމް ދިރުވާ އާލާކުރުމަށް އަތޮޅުތަކަށް ދަތުރުކުރާ ޓީމުގައި ސިއްޙީ ދާއިރާގެ ފަންނީ އަދި ތަޖުރިބާކާރު ފަރާތްތައް ހިމެނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްޕީއާރުގެ އެހީގައެވެ.



