ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާއި ހަމައަށް ފައިސާ ނެގޭނެކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިކަން ކުރެވޭނީ ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.
ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން މުއާމަލާތްތައް ކުރެވޭނެއެވެ. އަދި އެ ފަރާތްތައް ދިރިއުޅޭ ގައުމުތަކުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
އިއްޔެއިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 500 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން، ޓީމޫ، ޝެއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ގަންނަ ތަކެއްޗަށް 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ.
ނަމަވެސް، ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން މިފަދަ އޮންލައިން ވެބްސައިޓްތަކުން ގަންނަ ތަކެއްޗަށް އެއްވެސް ފީއެއް ނުނެގޭނެކަން ބޭންކުން ވަނީ ހާމަކޮށްފައެވެ.
ބޭންކުން މި ބަދަލުތައް ގެނެސްފައިވަނީ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށާއި، ކާޑުތަކުގެ ނަހަމަ ބޭނުންކުރުން ހުއްޓުވުމަށް ކަމަށް ބުނެފައިވެއެވެ.
އަދި ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭރުގެ އޭޓީއެމްތަކުން ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ، އޭޓީއެމްއިން ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 125 ޑޮލަރަށް ވަނީ ހަނިކޮށްފައެވެ.



