ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސްގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
އަދި ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ރައީސްގެ ދެކަނބަލުން ވަނީ ފަރީއްކޮޅެއްވެސް ދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ފަހުމުނާމާތަކުގައި ސޮއިކުރެވުނެވެ.
އަދި މިއަދު ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމްގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.



