ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސް ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ދެއްވި ބަޔާނުގައެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން މިހާރު ކުރިމަތިވަމުންދަނީ ނަހަމަ ކަންތައްތަކެކެވެ.
އަދި ވިލުންތެރި ގޮތެއްގައި ދަރަނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކަށްވެސް އަލިއަޅުއްވާލެއްވި އެވެ.
”ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި، ތަރައްޤީގެ އަސާސީ ބޭނުންތައް ފުއްދުމަށް، ސިޑްސް އަށް ދަރަނި ނަގަން މަޖުބޫރުވަނީ، ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުޠުތައް ހަމަނުވާތީ.“ ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ސެވީލް ކޮމިޓްމަންޓަށް ހަރުދަނާ ސިފައެއްގައި ޢަމަލީ ސިފަ ގެނައުމަށާއި މި ލަނޑުދަނޑި ޙާޞިލުކުރުމަށް ހިތްވަރާއި އެއްބާރުލުން ބޭނުންވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މިހާރުގެ ދުނިޔޭގެ މާލީ ނިޒާމަކީ ގިނަފަހަރަށް އެންމެ ނާޒުކު ޤައުމުތައް ބާކީކުރާ ނިޒާމެއްކަމަށް ފާހަގަކުރައްވަމުން، 2030 ގެ އެޖެންޑާ ތަންފީޒުކުރުމުގައި ކޮންމެ ޤައުމެއްގެވެސް ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރުމަށް ނައިބު ރައީސް ވަކާލާތު ކުރެއްވި އެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޤައުމީ ފެންވަރުގައި ޤާބިލުކަން ބިނާކުރުމަށާއި، ދަރަނިން ޙަޤީޤީ ލުއި ލިބޭނެ ގޮތްތައް ހޯދުމަށެވެ.




