ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޓީޗަރު މިހާރުވަނީ ވެންޓިލޭޓަރުން ނަގާފައިކަމަށް އައިޖީއެމްއެޗްއިން މިއަދު ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ 7:30 ހާއިރު، އެ ރަށުގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، މަގުމަތީގައި ކަސްރަތު ކުރަން ތިބި ބައެއްގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސްކޫލް ދެ ކުދިންނާއި ޕްރިންސިޕަލް އަދި ޓީޗަރަކަށެވެ.
އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން، ޓީޗަރާއި ދެ ކުދިން ފުރަތަމަ ގެންދިޔައީ ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލަށެވެ. އަދި އިތުރު ފަރުވާއަށް ޖޫން 27 ވަނަ ދުވަހު މާލެ ގެނައެވެ. މާލެ ގެނައުމަށްފަހު، 14 އަހަރުގެ ފިރިހެން ކުއްޖާއާއި 16 އަހަރުގެ ފިރިހެން ކުއްޖާ އަދި 49 އަހަރުގެ ފިރިހެން ޓީޗަރަށް ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ.
އައިޖީއެމްއެޗުން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނިގޮތުގައި ދެ ކުދިން ވަނީ ޖޫން 29 ވަނަ ދުވަހު ވެންޓިލޭޓަރުން ނަގާފައެވެ.
އަދި މިހާރު ޓީޗަރު ވެސް ވެންޓިލޭޓަރުން ނަގާ، އެންމެންނަށް ވެސް ފަރުވާ ދެމުން ގެންދަނީ ވޯޑުގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.



