ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބޭނެ ދުވަސް ނޭނގުމުގެ މައްސަލައަށް ހައްލު ހޯދުމަށް އައު އެޕޮއިންޓްމަންޓް ސިސްޓަމެއް ތަޢާރަފުކުރަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފިއެވެ.
މި ސިސްޓަމުގެ ދަށުން ބަލިމީހާއަށް ޑޮކްޓަރަށް ދެއްކޭނެ ތާރީޚާއި ގަޑި އެނގޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އާސަންދަ އަދި އެންސްޕާގެ ވެރިން ހާޒިރުކޮށް، ޑޮކްޓަރަށް ދެއްކުމާއި ހޮސްޕިޓަލުގެ ބިލުތަކަށް ފައިސާ ދެއްކުން ފަދަ އާންމުންގެ ކަންބޮޑުވުން ހުންނަ މައްސަލަތަކާ ގުޅޭގޮތުން މިއަދުވަނީ ސުވާލުކޮށްފަ އެވެ.
އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިޔުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވި ގޮތުގައި މިހާރު ހަތަރު ޑިޕާޓްމަންޓެއްގައި އެޕޮއިންޓްމަންޓް ސިސްޓަމް ތަޢާރަފުކޮށްފައިވާއިރު، މި އަހަރު ނިމޭއިރު ހުރިހާ ޑިޕާޓްމަންޓަކަށް މި ސިސްޓަމް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.
އަދި ކިއު ދިގު ޑިޕާޓްމަންޓްތަކުގެ އޯޕީޑީ ރޭގަނޑުވެސް ކުރިއަށް ގެންދިއުމަށް ފަށާފައިވެއެވެ.
”މިހާރު ވެއްޖެއްޔާ މި އޮންނަނީ ކިޔު ނަންބަރެއް. އޭނާއަށް ޑޮކްޓަރަށް ދެއްކޭނީ ކޮން ދުވަހަކުން ކަމެއް އަދި އެނގޭ ކަހަލަ ގޮތަކަށް ނޫން ގިނަ ޑިޕާޓުމެންޓުތަކުގަ ހުންނާނީ. ހަތަރު ޑިޕާޓުމެންޓެއް އެޕޮއިންޓުމެންޓު ސިސްޓަމަށް. އެއީ އެޕޮއިންޓުމެންޓު ލިބޭނެ ދުވަހާއި ގަޑިޔާ އެނގޭ ގޮތަށް ދުރާލައި ތަރުތީބުވެގެން އަންނަ ގޮތަށް.“ ޝާހު ވިދާޅުވިއެވެ.
އިތުރު ހައްލެއްގެ ގޮތުން މާލޭގައި ޖީޕީ ކްލިނިކްތައް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިމަހު ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކް ހުޅުވޭނެއެވެ.
މި ކްލިނިކްތަކުން ބަލިމީހުންނަށް ސީދާ ސްޕެޝަލިސްޓުންނަށް ރިފަރކޮށް، އެޕޮއިންޓްމަންޓް ހަމަޖައްސައިދެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވި ގޮތުގައި، ފޮލޯއަޕް ބަލިމީހުންނަށް ޚާއްސަ ކިއުއެއް ބޭއްވުމާއި، ސީރިއަސް ހާލަތްތަކުގައި ހުންނަ ބަލިމީހުންނަށް އިސްކަންދިނުން ފަދަ ޚާއްސަ އިންތިޒާމުތައް މިހާރުވެސް ހަމަޖެހިފައިވެއެވެ.



