ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވެ އެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅުގައި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީ، މަތީ ތަޢުލީމު، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ.
އަދި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒްއާއެކު ވެސް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
”ޑިޕްލޮމެޓިކް ގުޅުމުގެ 50 އަހަރު ފާހަގަކުރާއިރު، މި ދަތުރުން މޯލްޑިވްސް-ސިންގަޕޫރު ގުޅުމުގެ އައު ބާބެއް ފެށިގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.“ ރައީސް ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމުން ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ވެސް ބައްދަލުކުރެއްވިއެވެ.



