އައްޑޫސިޓީ ހިތަދޫގައި ކަފިހުރަސް މަތިން މަގު ހުރަސްކުރަމުންދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވަމުން އައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިރޭ ހިނގި މި އެކްސިޑެންޓްގެ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާ އިރު، އެ ވީޑިއޯގައި ފެންނަނީ ކަފިހުރަސް މަތިން ހިނގަމުންދިޔަ އުމުރުން ދުވަސްވީ ފިރިހެނެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވަމުން އައި ސައިކަލެއް ޖެހި، ދެ ފަރާތްވެސް ވެއްޓޭ މަންޒަރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 19:24 ގައެވެ.
އަދި އެކްސިޑެންޓްގައި އަނިޔާވި ދެ ފަރާތަށްވެސް ފަރުވާ ދިނުމަށްޓަކައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
އެކްސިޑެންޓްގައި އެއްވެސް ފަރާތަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



