ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަންނަ މަގު މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
އަދި މި މަސައްކަތް ކުރިއަށްދާނީ ހަތަރު ފޭސްއަކަށް ބަހާލައިގެން މި މަހު ހަތަރު ވަނަދުވަހާ ހަމައަށް، ކޮންމެދުވަހެއްގެ ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި މި ވަގުތުތަކުގައި ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ މުވައްޒަފުން ހަރަކާތްތެރި ވާނެއެވެ.
އޭގެ އިތުރުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި މާކިންތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެއެވެ.
އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެއް ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އަދި މިކަމުގެ ސަބަބުން އެއާޕޯޓަށްދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.


