ލިވަޕޫލްގެ ޕޯޗުގީޒް ތަރި ޑިއޮގޯ ޖޯޓާ، ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
މި ހާދިސާގައި އޭނާގެ 25 އަހަރުގެ ކޮއްކޮ އެންޑްރޭ ސިލްވާ ވެސް މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ޕޯޗުގަލް އާއި ސްޕެއިންގެ ބޯޑަރު ސަރަހައްދުގައެވެ. އެގޮތުން ޖޯޓާ ދުއްވަމުންދިޔަ ލަމްބޯގިނީ އެހެން ކާރަކާ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޓަޔަރު ފަޅައިގެން ގޮސް ކާރު މަގުން ކައްސާލައިގެން ވެއްޓި ރޯވެފައިވެއެވެ.
އުމުރުން 28 އަހަރުގެ ޖޯޓާގެ ކުއްލި މަރާ ގުޅިގެން މުޅި ފުޓުބޯޅަ ދުނިޔެ އޮތީ ސިހުމެއްގައެވެ. ފުޓުބޯޅަ ކުޅުންތެރިންނާއި ފޭނުން މިވަގުތު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
ތިން ކުދިންގެ ބައްޕައެއް ކަމުގައިވާ ޖޯޓާ މަރުވިއިރު، އޭނާ ކައިވެނިކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. ކުރިއަރަމުން އައި މި ޒުވާން ކުޅުންތެރިޔާގެ ކުއްލި މަރު ވަނީ ގިނަ ބައެއްގެ ހިތްތަކަށް ނުހަނު ބޮޑު ހިތާމައެއް ގެނެސްދީފައެވެ.
ޖޯޓާ ލިވަޕޫލްއާ ގުޅިފައިވަނީ 2020 ވަނަ އަހަރު 45 މިލިއަން ޕައުންޑަށް ވުލްވަރހެމްޕްޓަން ވޮންޑަރސް އިންނެވެ.
ލިވަޕޫލްއަށް ޖޯޓާ 182 މެޗު ކުޅެފައިވާއިރު، އެ ޓީމާއެކު ދެ ފަހަރަށް ޕްރިމިއަރ ލީގު ތައްޓާއި ޔޫއެފާ ކަޕް ކާމިޔާބުކޮށްފައިވެއެވެ.
ޖޯޓާ ވަނީ ލިވަޕޫލްއަށް 65 ގޯލު ޖަހައި، 26 އެސިސްޓް ހަދާފައެވެ.



