ސުވިމިންގ އެސޯސިއޭޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ފަތަމާ ހިނގާ ޕްރޮގްރާމް އައްޑޫ ސިޓީ މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލު ގްރޭޑް 1ން 6 ގެ ދަރިވަރުންނަށް ފަށައިފިއެވެ.
މަރަދޫ ސްކޫލު ދަރިވަރުންނަށް މި ޕްރޮގްރާމް ފަށާފައިވަނީ މި ދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އިރުޝާދިއްޔާ ސްކޫލު ދަރިވަރުންނަށް ފަށާފައިވަނީ ޖޫން 30 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ‘’ފަތަމާ ހިނގާ ޕްރޮގްރާމް“ އެމްބަސަޑަރ ނައުފަލް މޫސާއެވެ.
މި ޕްރޮގްރާމުގައި 300 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.
މިއީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މި އަހަރުގެ ތެރޭގައި ސްކޫލް ދަރިވަރުންނަށް ހިންގުމަށް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އައްޑޫ ސިޓީގެ ހުރިހާ ސްކޫލެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި އަހަރުގެ ކުރީކޮޅު ފަތަމާ ހިނގާ ޕްރޮގްރާމް އެންމެ ފުރަތަމަ ބާއްވާފައިވަނީ ފޭދޫ ސްކޫލު ދަރިވަރުންނަށެވެ.
އެ ޕްރޮގްރާމުގައި 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ، ފަތަން ދަސްކޮށްފައިވެއެވެ.


